ޚުލާޞާ ތަފްސީރު

މަހާޒު ޢަލީ ޒާހިރު
ޚުލާޞާ ތަފްސީރު މުޞައްނިފަކީ ގދ. މަޑަވެލި، މޭނާ، މަޙާޒު ޢަލީ ޒާހިރެވެ. މަޙާޒު ޘާނަވީ ތަޢުލީމު ހާސިލުކުރީ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއިންނެވެ. އަދި އެއަށްފަހު، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން (މިހާރުގެ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ) އާއި މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލަމިކް ޔުނިވަރސިޓީ (އައި.އައި.ޔޫ.އެމް) އިން ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކޮށްފައިވެއެވެ.
މަޙާޒު ލިޔެފައިވާ ފޮތްތަކުގެ ތެރޭގައި ޤާނޫނީ ފޮތްތަކާއި، ކީރިތި ޤުރުއާނުގެ ޢިލްމާ ބެހޭ ފޮތްތައް ހިމެނެއެވެ. ޤާނޫނީ ދާއިރާއިން ފާހަގަ ކުރެވޭ އެއް ފޮތަކީ، 2018 ވަނަ އަހަރު ޝާއިޢުކުރި، "ހެކިންގެ ހެކިބަސް- އުސޫލުތަކާއި، ދިވެހިރާއްޖޭގެ ޤަޟިއްޔާތައް" މި ފޮތެވެ. މި ފޮތަކީ، ފޮތް ނެރުމާ ހަމައަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ހެކިންގެ ހެކިބަހާމެދު ނިންމާފައިވާ ހުރިހާ މައްސަލަތަކެއް ދިރާސާކޮށްގެން ލިޔެފައިވާ ފޮތެކެވެ.
ކީރިތި ޤުރުއާނާ ގުޅުން ހުރި ފޮތެއްގެ ގޮތުގައި އެންމެ ފުރަތަމަ މަޙާޒު ލިޔެފައިވަނީ، 2016 ވަނަ އަހަރު ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ޝާއިޢު ކޮށްފައިވާ "ކީރިތި ޤުރުއާން ހިތުން ދަސްކުރާނެ ގޮތުގެ 10 ފިޔަވަޅު" މި ފޮތެވެ. މި ފޮތަށް ފަހު، މިހާރު ލިޔަމުންދާ ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރަކީ ފާހަގަ ކުރެވޭ މުހިންމު އެއްފޮތެވެ.
މަޙާޒު ލިޔެފައިވާ، ފޮތްތަކުގެ މައުލޫމާތު މަޙާޒުގެ ބްލޮގުން ފެންނާނެއެވެ. އަދި މި ވަގުތު މަޙާޒަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.